އެބިރުވެރި ކަޅު ބުރާސްފަތި
ޢަޞުރު ނަމާދުކޮށްގެން އިސްލާމީ މަރުކަޒުން ފޭބިއިރު ޖެހިގެން އޮތް ޖުމްހޫރީ މައިދާނުގައި ދިވެހި ސިފައިންނާއި، ފުލުހުން ހޭލަމޭއްޔަށް ޙަރަކާތްތެރިވަމުން ދެއެވެ. އެމީހުންގެ ޚާއްޞަ ދައްކާލުންތަކުގެ ފަހުގެ ތައްޔާރީ ތަކާއިގެންނެވެ. އަހަރެން މިސްރާބުޖެހީ އެ ދިމާއަށެވެ. ދުވަހުގެ ޚާއްޞަ ކުޅިވަރުތައް ބަލާލުމަށެވެ. މިއަދު މާލޭގައި ހުރެވުނީތީ ނޮވެންބަރު ތިނެއްގެ ދައްކާލުންތައް ހަމަލޮލުން ދެކިލުމުގެ އެދުމުގައެވެ.
އަތުކުރީ ގަޑިއަށް ބަލާލިއިރު ރަސްމިއްޔާތުފެށެން ސާޅީހަކަށް މިނެޓުހުއްޓެވެ. އަހަރެން ގޮސް ޖައްސާލީ މައިދާނުގެ ހުޅަނގު ފަރާތުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ. މައިދާނަށް ކުރިމަތިލައިގެންނެވެ. އިރުވައިގެ ރީތި ދުވަސްތަކަށް ވުރެވެސް ރީތި ދުވަހެއްގެ ހަވީރެކެވެ. ހުޅަނގު އުތުރުން ޖެހޭ ނަލަ ނަލަ ރޯޅިތަކުގެ އެހީގައި ޖުމްހޫރީ މައިދާނުގައިވާ ބޮޑު ދިދަ އޭގެ ހައިބަތާއެކު ވިހުރި ވިހުރި ހުއްޓެވެ. އޭގެ ކޯއްޓޭގައި ދިދައިގެ އެއްކޮޅު ހިފެހެއްޓިފައި ވާއިރު އަނެއްކޮޅާއެކު މުޅި ދިދަ ދިވެހި ފަޒާގައި ޙަރަކާތްކުރާ މަންޒަރުން ދައްކައިދެނީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އަމިއްލަ ވަންތަކަމާއި، ހައިބަތެވެ. ދިވެހި ޤައުމިއްޔަތުގެ ރަމްޒުގެ ފުރަގަހުގައި މަތިހަށި ނަގާފައި އެހުރީ އަޅުގަނޑުމެންގެ ލޮބުވެތިޤައުމާއި، މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ދާދި މިދާކަށް ދުވަހު ކަހަލަ ގޮތަކަށް ޤައުމުގެ ދުޝްމަނުންނާ ހަނގުރާމަކޮށް ފުރާނައިން ޤުރުބާންވި އައުދާނަ ބަޠަލް ޙުސައިން އާދަމްގެ ހަދާނީ ބިނާއެވެ.
ޚިޔާލަށް އައީ މީގެ ދެތިން އަހަރު ކުރިން ނޮވެންބަރު ތިނަކާގުޅޭ ގޮތުން ކާފަ މިތާ އިދެގެން ކިޔައިދިން ވާހަކައެވެ. ކާފަޔަކީ ތާރީޚަށް ވަރަށްލޯބިކުރާ މީހެކެވެ. އެއީ އެހާރާ މިހާރުގެ ތާރީޚީ ފަތްފުށްތަކުން ފުރާލެވިފައިވާ ނުހަނު އަގުބޮޑު އެހާމެ ތަދު ސުންބުއްޔެކެވެ.
އެދުވަހު ކާފަކިޔައިދިން ގޮތުގައި 1909 ވަނައަހަރު ޕިޝޯރީންނާ ދެކޮޅަށް ދިވެހި ސިފައިން ބޮޑުބަޑިން ކުރި ހަނގުރާމައަށްފަހު ކައިރި ފަސްމަގެއްގައި ނުރައްކާތެރި ޙާދިސާއެއް ހިނގާފައި ނުވުމާއެކު މި ލޮބުވެތި ވަޠަން އޮތީ ނުހަނު އަމާން އޮމާންކަމާއެކު ހަމަހިމޭން ގޮތެއްގައެވެ. އޭރު ސިފައިންނަކަށްވެސް މާބޮޑު ޒިންމާއެއް ނޯވެއެވެ. އެމީހުންގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވެފައި އޮންނަނީ ޤައުމަށް ކުރިމަތިވާ އިޖުތިމާޢީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ވާލާއި، މީދާ މެރުމާ އަލިފާން ނިއްވުން ކަހަލަ ކަންތައްތަކުގައި ޙަރަކާތްތެރިވުމެވެ. ހަމަ އެއާއެކު މާލެތެރޭގެ އަމަން ބެލެހެއްޓުން ފަދަ މަދަނީ ކަންތައްތަކުގައި ރައްޔިތުންނަށް އެހީތެރިވެ ދިނުމެވެ. ހަނގުރާމައިގެ އުކުޅުތައް ގިނަ މީހުންނަށް ދަސްކޮށްދެވިފައެއް ނުހުރެއެވެ. ހަތިޔާރު ގެންގުޅޭ މީހުންނަށްވެސް އެނގެނީ ދެތިންވައްތަރެއްގެ ބަޑި ޖަހާ ރޫޅާ، ރާވާށެވެ. ގިނަމީހުންނަށް އެވަރުވެސް ހަނދާނެއް ނުހުރެއެވެ. ގަމާރުކަމަކުން ނޫނެވެ. ތަމްރީނުތަކުގައި ދަސްކުރިޔަސް ބަޑިޖަހާ އެތަކެތި ބޭނުންކުރާނެ ފުރުޞަތު ނުލިބޭތީއެވެ. 1988 ނޮވެންބަރާ ހަމަޔަށް އައިއިރު ރާއްޖޭގެ ސިފައިންގެ ޢަދަދު ފައްސަތޭކަޔަށްވެސް ނާރައެވެ.
އެފަދަ ޒަމާނެއްގައި ދުވަހުން ދުވަހަށް ސައްލިއަށް ބޫތުކައިގެން ނައިރުވަމުންއަންނަ ޒާތުގެ ބައެއްމީސް މީހުންނަކަށް، ބަހުރު ހިންދުގެ އޯގާވެރި އުނގުގައި އަތުރާލެވިފައިވާ މި މުތީތަކެއްފަދަ އައްސޭރިތަކަށް މަޑުމައިތިރި ކަމާއެކު ބީއްސަމުންދާ ކުދިކުދި ރާޅުތަކުން އިއްވައިދޭ ހަމަހިމޭން ނާނާއެއް ކަމަކު ނުދިޔައެވެ. ހަލަވެލި ގަސްތަކުގެ ޅަކުރިތަކުގައި މީރުވަހެއް ނުދުވިއެވެ. ތޭރަވާގެ ގޮވުންތަކުން ހިތަށް އުފަލެއް ނުލިބުނެވެ. ވެލާބިސް ކާހިތްވެއްޖެއެވެ. ކަހަނބުފަތް ރަނަށް، އެންދެރިގަސްތައް ޖަވާހިރަށް ހަދަންވެއްޖެއެވެ. މިތަކެއްޗަކީ މިރަށްތަކަށް ރަންބިސް އަޅަން އަންނަ ކުކުޅުތަކުގެ ރޫޙީ ހަމަޖެހުންކަން ހަނދާން ނެތިއްޖެއެވެ.
ނަތީޖާއެއްގެ ގޮތުން މިރަށްތަކުގެ ގުދުރަތީ މުއްސަނދިކަމާ ގުޅިފައިވާ ވެލާ ކަނހަބު ހިފުން ޢާއްމުވެއްޖެއެވެ. އެންދެރިގަސްތައް މުލުން ކޮނެގެން ނެގުން އުފަލަކަށް ހަދައިފިއެވެ. އެތަކެތީގެ އެހީގައި ކަސިޔާރު ގޮތްގޮތަށް ނަފާހޯދާ މީހުންގެ ޢަދަދު ގިނަވެއްޖެއެވެ. މިހަލަބޮލިކަމުގެ ތެރޭގައި ޤަވާޢިދާޚިލާފަށް ކަހަނބުފަތް ބޭރުކުރި މައްސަލައެއްގައި ހ. ހާޖަރާގޭ ޢަބުދުއްﷲ ލުތުފީއަށް އަދަބުދެވުނެވެ. މިކަމާގުޅިގެން ލުތުފީގެ ހިތުގައި އޭރުއޮތް ވެރިކަމާމެދު ނީހަ ވެރިކަމެއް އުފެދުނެވެ. ވެރިކަމުގެ މާބޮޑު މައްސަލައެއް އޮވެގެންނެއް ނޫނެވެ. ވެރިކަން ހިންގަން ތިބިމިހުން މާބޮޑު ގޯހެއްހަދައިގެންނެއް ވެސް ނުމެނޫންމެއެވެ. އެއީ ޤާނޫނު ހުއްދަ ނުކުރާ ކަމަކަށްވާތީ އޭނާ ކުރި ޢަމަލާގުޅިގެން ގޭގައި ބަންދުކޮށް ހުކުމް ތަންފީޒު ކޮށްގެންނެވެ. ވެރިކަން ހިންގަންތިބި މީހުންނަށް ފިލާވަޅެއްދީ، ދިވެހި ވެރިކަމަށް އަމިއްލަޔަށް މަނަސް ހިންގަން ބޭނުންވާތީވެސް މެއެވެ.
ސަހަރޯއެވެ. ދެންކުރަންފެށީ ކުރިޔަށްވުރެވެސް އަދި މާ ނުރައްކާތެރި ކަމެކެވެ. އޭނާގެ މިތުރުންނާއި، ފެނިދެނިވެ އުޅޭ ރައްޓެހިންގެ ހިތްތައް އޭނާ ހިތްއެދޭގޮތަށް ފުރެއްދުމެވެ. އޭރުއޮތް ވެރިކަމާމެދު އެމީހުންގެ ހިތްތަކުގައި ހަހުރަޔާ ވެރިކަން އުފެއްދުމެވެ. އެހިތްތައް ޙަސަދަވެރިކަމުން ކަޅިކުރުމެވެ. ބޭނުމަކީ ކުރަން އުޅޭ މަސައްކަތަށް ފަހިވާނޭހެން އެކި ދިމަދިމާލުން ކުދި ބޮޑެތި ދޮރުތައް ހުޅުވުމެވެ. އެގޮތުން ދެފުށު އެޅެމުންދާ ބައެއް ދިވެހިންގެ ހިތްތައް ވެރިކަމުގެ އަވައިގައި މަސްތުކުރުވިއެވެ. އެއާއެކު އޭނާގެ ބައިވެރިންނާއެކު ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ ރޭވުންތައް ރާވަން ފެށިއެވެ. ވަންހަނާގައެވެ. އެންމެފަހުން ވިލާތުގެ ފުށެތިކާލުންނާއި، މަލަބާރުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަގޮތާ މުޅިން އެއްގޮތަށް ނޫނަސް އެކަހަލަ ގޮތަކަށް ރާއްޖޭން ބޭރުން ބިދޭސީ ބައެއްގެ އެހީ ހޯދިއެވެ. އެދުވަސްވަރު ކޮޅުނބުގައި ޙަރަކާތް ތެރިވަމުންދިޔަ ނުރައްކާތެރި ޖަމާޢަތެއް ކަމުގައިވާ "ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުގެ" ނާމާން ހަނގުރާމަ ވެރިންގެ އެހީގައި އެންމެ ޒަމާނީ ހަތިޔާރާއެކު ރޭގަނޑެއްގެ ފުރަދަންވަރު ސިއްރިޔާތުގައި މާލެއަރާ ރާއްޖޭގެ ދިފާޢީ މައި މަރުކަޒަށް ޙަމަލާދިނެވެ.
މި ސުވަރުގެއެއް ފަދަ އަމާން އޮމާން މާޙައުލުގެ ހަމަހިމޭންކަން 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިނެއްވީ ބުރާސްފަތި ވިލޭރޭ ފަތިހު ހަތަރު ގަޑި ފަނަރަހާއިރު ކެނޑިގެން ދިޔައީ ބިރުވެރިކަމާ ނާމާންކަމާ އެކުގައެވެ. ބަޑީގެ އަޑުފަށްގަނޑުން ކަންފަތްތައް ބައްކުރަމުންނެވެ. ސީދާ ސާދާ ދިވެހިންގެ ހިތްތައް ނަފުސާނީ ބިރުވެރިކަމުން ރޮއްވަމުންނެވެ. ފުރަމާލޭގެ ބިންގަނޑު ދިވެހިންގެ ލެއިން ކަޅިކުރަމުންނެވެ.
އެ ނާމާން ބިރުވެރިރޭ ޢަބުދުﷲ ލުތުފީ މުގުލުގައި ހުރެ ތަމަޅަ ބާޣީން ލައްވާ އެ ޢުދުވާނީ ހަމަލާ ފަށާފައިވަނީ ފަތިހު ގާތްގަނޑަކަށް ހަތަރުގަޑި ފަނަރަހާއިރުއެވެ. ފުރަތަމަ ބަޑީގެ އަޑު އިވުމާއެކު ސިފައިންގެ އެތެރޭގައި ތިބިމީހުންނަށް ހީކުރެވުނީ އެއީ މައިދޮރާށީގެ ހުޅަގު ފަރާތް ބެލެހެއްޓުމާ ހަވާލުވެހުރި ޙުސައިން އާދަމް އަތުން އޮޅުމަކުން ގޮވި ވަޒަނެއް ކަމަށެވެ. އެހެންކަމުން މައިދޮރާށި ހުޅުވާ ލެއްޕުމާ ހަވާލުވެ ހުރި ޖިހާދު އަޙުމަދު ޙުސެން އާދަމް ގާތުގައި އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ.
"ޙުސެން ކީއްތިކުރަނީ؟ ކޮންކަމަކާ ވަޒަން ތިޖަހަނީ؟"
"އެއީ އަހަރެންގެ އަތުންވީ ކަމެއްނޫން. ސަމާލުވޭ! މި ހިސާބުގައި ސޯޓުބުރިލީ ބަޔަކު އެބައުޅޭ."
ޙުސައިން އާދަން ސަމާލުވެ ތިބުމަށް ބުނެ މިނެޓެއްހާއިރު ނުވާނެއެވެ. ސިފައިންގެ ކުރިމަތިން އޮންނަ ކާނޭޝަން ހިނގުމުގެ އުތުރުކޮޅުން ސިފައިންގެ މައިދޮރާ ދިމާލަށް އަމާޒުކޮށް ބަޑިތައް ތަޅައިގެންފިއެވެ. އެގަޑީގައި ސިފައިންގެ މައިމަރުކަޒު މައިދޮރާށީގެ އިރުމަތިފަރާތް ބެލެހެއްޓުމާ ޙަވާލުވެހުރީ އާދަމް މުޙައްމަދު (ގުލްބަކާ) އެވެ. އިސާހިތު ދޮރާށީގެ ދެފަރާތުގައިތިބި ޕުރައިވެޓު ޙުސައިން އާދަމާއި، ޕުރައިވެޓު އާދަމް މުޙައްމަދުގެ ބަޑި ތައްޔަރީ ޙާލަތަށްގެނެސް ރައްދުގައި ހަމަލާދޭން ފެށިއެވެ. އެވަގުތު ޑިއުޓީ އެންސީއޯ ލާންސްކޯޕުރަލް އަޙުމަދު ރިޒާ ދޮރާށި ބަލަހައްޓަން ތިބި ދެ ކުދިންނާ ވާހަކަ ދެއްކިއެވެ. ޙުސައިން އާދަމަށާއި، އާދަމް މުޙައްމަދުގެ ގަޔަށް އެއްވެސް ވަޒަނެއް އެރިތޯ ސުވާލުކުރިއެވެ. ވަގުތުން އެންސީއޯއަށް ޙުސައިން އާދަމް ޖަވާބުދާރީ ވިއެވެ.
"ނޫން. އަޅުގަނޑަށް އެއްވެސް ކަމެއްނުވޭ. މުޅިން ބަރާބަރު."
ދުޝަމަނުންގެ ފުރަތަމަ ބަޑީގެ އަޑަށް ޙުސައިން އާދަމް އޮޓޯގައި ދޭންފެށި ރައްދު ހަމަލާޔާއެކު އޭނާ ގޮސްވަނީ މައިދޮރާށީގެ ހުޅަނގުފަރާތުގައި ވާރެޔާ ނިވާވާން ހަދާފައިހުރި ތަން (ސެގަރު) ގެ އެތެރެއަށެވެ. ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޑިފެންސް ދޮރާށިން އެތެރެއަށް ވަންނަން އަންނާށޭ އެތެރޭން ގޮވަގޮވާ އޮއްވައެވެ. ކޮށްފައިވާ ހުވަޔާ އެއްގޮތަށް އެންމެ ފަހުނޭވާޔާ ހަމަޔަށްވެސް ޤައުމު ދިފާޢުކުރުމަށް ކަމަރު ބަނދެގެންނެވެ. މިނުރައްކާތެރި ދަނޑިވަޅުގައިވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅަން އޭނާގެ ޒަމީރު އެއްބަސް ނުވެގެންނެވެ. އަމިއްލަ ނަފުސާ ފުރާނަޔަށްވުރެ ދީނާއި، ޤައުމީ ވާޖިބަށް އިސްކަން ދީގެންނެވެ.
ޙަމަލާތައް ބަދަލު ކުރެވެންފެށިތާ މާ ގިނައިރުތަކެއްނުވެ ދުޝްމަނުންގެ ކޮމާންޑަރއިންޗީފު ވަސަންތީ މަރުވެގެންދިޔައީ އާދަމް މުޙައްމަދު ވަސަންތީ ބޮލުގެފުށް ކިބަޔަށް އަމާޒުކޮށް ޖެހި ވަޒަނަކުންނެވެ. މިއީ ބާޣީންނަށް ލިބުނު ވަރަށްބޮޑު އުނިކަމެކެވެ. ފޫބެދުންނެތް ހީނަރުކަމެކެވެ. ވަސަންތީއަކީ އިންޑިޔާގެ މިލިޓަރީންވެސް އެތަކެއް އަހަރުވަންދެން މަސައްކަތްކޮށް އަތުލައި ނުގަނެވިފައިހުރި ނުރައްކާތެރި ހަނގުރާމަވެރިއެކެވެ.
ޙުސައިން އާދަމްގެ ރައްދު ޙަމަލާއާ ގުޅިގެން "ޕުރިޒަންސްޑިވިޜަން" ހުރި "ދޮށިމޭނާ" ބިލްޑިންގުގެ ފާރުން އެތެރޭގައި ނިވާވެގެންތިބެ ސިފައިންގެ މައިދޮރަށް އަމާޒުކޮށްގެން ޙަމަލަދެމުންދާ ގުރޫޕާ ޙުސައިން އާދަމް ހިތްވަރާއި ސާބިތުކަމާއެކު ހަމަލާދެމުން ދިޔައެވެ. މިގޮތަށް ޙަމަލާ ބަދަލުކުރަމުންދާތާ ދިހަވަރަކަށް މިނެޓުގެ ތެރޭގައި ހުސައިން އާދަމްގެ އަތަށް ފުރަތަމަ ވަޒަންއެރިއެވެ. އެއާއެކު އޭނާގެ އަތުގައި އޮތް އޭ.ކޭ 47 ގެ ބަޑިޔަށް ލައްވާފައިއޮތް މެގަޒިން ހުސްވެގެން ދެވަނަ މެގަޒިން ލެއްވިއެވެ. އަދި އެމަޢުލޫމާތު ޑިއުޓީ އެންސީއޯ އަޙުމަދު ރިޒާއަށް ދިނެވެ.
"ރިޒާ. މަގޭ އަތުން ވަޒަން ހުސްވަނީ. ވަޒަން ފޯރުކޮށްދީ."
"އަދިވެސް މިކޮޅުގަ ވަޒަނެއްނެއް. ވަދެވުނު ގޮތަކުން އެތެރެއަށް ވަދެވޭތޯބަލާ."
ރިޒާއަށް ވަޒަން ނުލިބޭތީ ޙުސައިން އާދަމަށް ވަޒަން ފޯރުކޮށްދެވޭނެ ގޮތެއްނުވިއެވެ. ދެންވެސް ޙުސައިން އާދަމް ގޮވަމުންދިޔައީ ވީހާ އަވަހަކަށް ވަޒަންކޮޅެއް ލިބޭތޯ ބަލައިދިނުމަށެވެ. އޭރު ދުޝްމަނުންގެ ބަޑިތަކުން އުންޑައިގެ ވާރޭވެއްސަމުން ގެންދިޔައީ ތަނެއްދޮރެއް ބެލުމެއްނެތިއެވެ. އެހެނަސް ޙުސައިން އާދަމްގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލައެވެ. މައިދޮރާށި ގަސްތުކޮށްގެން ބަޑިޖަހަމުންދާ މީހުންނާ އަމާޒުކޮށް ބަޑިޖަހަމުން ގެންދިޔައެވެ. ރަނގަޅަށް ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ހަނގުރާމަ ވެރިއެއްކަހަލައެވެ.
ކުއްލިއަކަށް ޙުސައިން އާދަމްގެ ބަޑީގެ މެގަޒިނަށް ދުޝްމަނުންގެ ވަޒަންތަކުން ވަޒަނެއްއެރިއެވެ. އެއާއެކު މެގަޒިން ތެރޭގައި ވަޒަންތައް ތާށިވިއެވެ. ދުޝްމަނުންނަށް ޙުސައިން އާދަމްގެ ރައްދު ޙަމަލާތައް ހުއްޓުނުތައްފެނި ލިބުނު ރަނުގެ ފުރުޞަތުގައި "ދޮށިމޭނާ" ބިލްޑިންގުގެ ސިފައިންގެއާ އެންމެ ކައިރީގައި ހުރި ދޮރާށި އެތެރެއަށްވަދެ ސީދާ އޭނާއަށް އަމާޒުކޮށްގެން ނުރައްކާތެރި ވަރުގަދަ ހަމަލާއެއް އެފުލު ފުލުން ފޮނުވާލިއެވެ. އެއާއެކު ގިނައިރުތަކެއްނުވެ މިހިތްވަރުގަދަ ފަހުލަވާނު ޙުސައިން އާދަމް ކޮށިގަނޑު ތެރެއަށް ޝަހީދުވެގެން ވެއްޓުނެވެ. އޭރު ގަޑިން ގާތްގަޑަކަށް ހަތަރުގަޑި ސާޅީސް ފަހެއްވެދާނެއެވެ. ﷲ އެ ޒުވާން އައުދާނަ ބަޠަލަށާއި، އެދުވަހުގެ އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ނިޢުމަތް އިތުރު ކޮށްދެއްވާށިއެވެ.
ދުޝްމަނުން ސިފައިންގެއަށް ޙަމަލާ ދިނުމުން ކުއްލިޙާލަތުގެ ރަނގަބީލުޖަހާ ސިފައިން ސަމާލުކަމަށް ގެނެސް ސިފައިންގެ މައިދޮރާށި ލައްޕާ ތަޅުލުމަށް ފުރުޞަތު ލިބިގެންދިޔައީ ޝަހީދު ޙުސައިން އާދަމްގެ އަވަސް ރައްދު ޙަމަލާއިންނެވެ. ދިވެހި ސިފައިންނަށް ނޭނގި ތިއްބާ ކުއްލިއަކަށް ދުޝްމަނުންނަށް ސިފައިންގެ ތެރެއަށް ވަދެ ގަންނާނެ ފުރުޞަތު ނުލިބުނީ އެ ހިތްވަރުގަދަ ބަޠަލުގެ ކުޅަދާނަ އަދި އެހާމެ ހުޝިޔާރު ރައްދު ޙަމަލާތަކުގެ ސަބަބުންނެވެ. އެ ޖެހިލުންކުޑަ ޒުވާނާ ޝަހީދުވީ ރާއްޖޭގެ ދިފާޢީ މައިމަރުކަޒު ދިފާޢުކުރާނެ ފުރުޞަތު އޭނާގެ ފުރާނައިން ޤުރުބާންވެގެން ދިވެހި ސިފައިންނަށް ހޯދައިދީފައެވެ.
ޙުސައިން އާދަމް ޝަހީދުވެގެން ކޮށިގަނޑު ތެރެއަށް ވެއްޓުންތަން ފެނުމާއެކު ދެނަކާދެނެއްނެތެވެ. ދުޝްމަނުން ސިފައިންގެ މައިމަރުކަޒު ވަށާލައިގެންތިބެ މަރުކަޒުގެ އެތެރެއާއި ބޭރަށް ތަފާތު އެކިފާޑުފާޑުގެ ހަތިޔާރުން ވާރޭ ވެއްސަންފެށީ ހުޅަނގު މޫސުމުގެ ބޯވާރޭ ވިލާގަނޑަކުން ވާރޭވެހޭނެ މިސާލުގައެވެ. އޭ.ކޭ 47 ގެ ބަޑިޔާއި، ޓީ 56 ގެ ރައިފަލާއި، އާރު.ޕީ.ޖީ7 ކާއި، ޑައިނަމައިޓާއި، އެލް.އެމް.ޖީ މެޝިން ބަޑިއާއި، ފިސްތޯލަފަދަ ނުރައްކާތެރި ހަތިޔާރުތަކުން ސިފައިންގެ ގޮވަން އުޅުނު ކަހަލައެވެ. އެރެއާ އެދުވަހު އެސަރަޙައްދާ މާލެތެރެވަނީ ބާރުގަދަ ގޮވުންތަކުން ގުގުމާފައެވެ. ފިތްކަޑައިގެން ދާފަދަ ބިރުވެރި އަޑުތަކުން ނާމާންވެފައެވެ.
މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި ހިތްވަރުގަދަ ދިވެހި ސިފައިން އިސްކަންދިނީ ސިފައިންގެ މައިމަރުކަޒު ދިފާޢުކުރުމަށެވެ. އެބައިމީހުން އަވަސްވީ ސިފައިންގެ މައި މަރުކަޒުގެ އެތެރޭގެ އެކިހިސާބަށް ހަތިޔާރާއެކު ބެހި ދުޝްމަނުންނަށް ސިފައިގެ މައިމަރުކަޒުގެ އެތެރެއަށް ވަންނާނެ އެއްވެސް ފުރުޞަތެއް ނުދިނުމަށެވެ. ދުޝްމަނުން ސިފައިންގެ ހުޅަނގު ދެކުނުކަން ގޮށްވާލާ ކުރިން އެމީހުން ރާވާފައި އޮތްގޮތަށް ކުއްލިޔަކަށް ސިއްރިޔާތުގައި އެތަނުން އެތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. އެހެނަސް ހިތްވަރުގަދަ ސިފައިން ހަމަވަގުތުން އެތަން ދިފާޢުކުރިއެވެ. އެއާއެކު އެތަން ހަލާކުކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ތަމަޅަ ހަގުރާމަވެރިޔާ އައްޕިމަރާލިއެވެ.
އެދުވަހުގެ ޙަމަލާގައި ދުޝްމަނުން ސިފައިންގެ ތެރެއަށް އެތައްބައިވަރު އަތުބޮމެއްވެސް އުކިއެވެ. އެހެނަސް ﷲ ތަޢާލާގެ ވާގިފުޅާއެކު އޭގެތެރެއިން ގިނަބޮންތައް ހުރީ ނުގޮވައެވެ. އެދުވަހު އެހުރިހާ ބޮމެއްގޮވިނަމަ އެތަކެއް ފުރާނައެއް އުދުހިގެން ދިޔައީހެވެ. ބޮންތައް ނުގޮވީ އެމީހުން ކަނޑު މަގުން ދަތުރުކުރުމުގެ ތެރޭގައި ލޮނުގެ އަސަރުކޮށް ހަލާކުވެފައި ހުރުމުގެ ސަބަބުންކަމަށް ވެދާނެއެވެ.
ދުޝްމަނުން ޙަމަލާތައް ފަށާ ގިނައިރުތަކެއްނުވެ ބަންޑާރަ ކޮށީގެ ކުރިމަތިން މިހާރު ރަސްމީ ފާލަން އެހުރި ހިސާބު ތޮށިގަނޑު މަތީގައި މެޝަނުބަޑިޔެއް ބަހަށްޓައިގެން ބަޑިޖަހަންފެށިއެވެ. އެގޮތަށް އެމީހުންކަންތައްކުރީ އެކަމާ ބިރުން ސިފައިން ފިލާނެކަމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. އެއާއެކު އެއްވެސް އުނދަގުލަކާނުލައި ސިފައިންގެ މައިދޮރާށިން އެތެރެއަށްވަދެ ސިފައިންގެ، ދުޝްމަނުންގެ ބާރުގެދަށަށް ގެނައުމުގެ ތެޔޮގުޅާސާދާކުރަމުން ވެސްމެއެވެ. އެކަމަކު ކަންހިނގީ އެމީހުން ހީކުރިގޮތާ މުޅިން އިދިކޮޅަށް ކަސިޔާރަށެވެ. ސިފައިންގެ މައިދޮރާއްޓަކީ ހަމައެކަނި ސިފައިންގެއަށް ވަދެނިކުމެވޭ ދޮރާއްޓެވެ. އެހެންކަމުން ދިވެހި ސިފައިން އެދުވަހު ދައްކައިދިނީ އެ ދޮރާށި ޙިމާޔަށް ކުރުމަކީ އެމީހުން އެންމެ އިސްކަންދޭ ވާޖިބުކަމެވެ.
ސިފައިންނަކީ ޤައުމުގެ އަށްޑަނައެވެ. އެއީ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތް ކުރުމަށް ﷲ ގަންދީ ހުވާކޮށްގެންތިބޭ ހިތްވަރުގަދަ ޖެހިލުންކުޑަބައެކެވެ. ހަނގުރާމައިގެ މާބޮޑު ތަމްރީނުތަކެއް ނެތްކަމުގައި ވިޔަސް އެދުވަހު އަހަރެމެންގެ މި ލޮބުވެތި ފަސްގަނޑު ނުރައްކަލުން ސަލާމަތްކޮށްދިނީ އެދުވަހު މިޤައުމުގައިތިބި މިޤައުމުގެ ހިތްވަރުގަދަ ސިފައިންނެވެ.
އެނުރައްކާތެރި ޢުދުވާނީ ޙަމަލާގައި ސިފައިންގެ އަށްމީހަކާއި، ޢާއްމުންގެ އެގާރަމީހަކާއެކު، އޮނަވިހި ދިވެހިން ޝަހީދުވިއެވެ. ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު ބިދޭސީންގެ ތިންމީހަކު މިނުރައްކާތެރި އުދުވާނުގައި ދުނިޔެއާ އަލްވަދާޢުކިޔެވެ. މިއީ މިޤައުމުގެ ފަހުގެ ފަސްމަގެއްގައި ދިވެހި ތާރީޚުގައި ކަޅުއަކުރުން ފަވާލެވުނު އެންމެ އަނދިރި ޞަފުޙާއެވެ.
އެދުވަހާ އެރެއާ އޭގެއަނެއްދުވަހުގެ ހެނދުނު ދިހައެއް ޖެހުމާހަމަޔަށް މުޅި ރާއްޖެ އޮތީ ހިތާމައިގެ ފުންކަނޑަކަށް ގެނބިފައެވެ. މޮޅިން މޮޅި ސާލުލައި ދޮޅީގައި އަތް ވިދިފައެވެ. ޓީވީގެ ޚިދުމަތް އަދި ފުޅާނުވާ މިޤައުމުގެ ރޭޑިޔޯގެ އަޑު ކެނޑި ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ވާނުވާނޭނގިފައެވެ. ހަދާނެގޮތް ހުސްވެފައެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުން ކާއެއްޗެއް ރޯފިލުވައިގެން ހައިހޫނުކަން ފިލުވަން ހަނދާންހުރި ދިވެއްސަކުވެސް ނެތްކަހަލައެވެ.
އަތޮޅުތެރޭގެ ސީދާ ސާދާ ދިވެހިންގެ ހިތްތައް ސިއްސުވަމުންދިޔައީ ނުރައްކާތެރި ސިގުނަލު ތަކުންނެވެ. ހަމަ ކޮންމެ ވަގުތަކު ކޮންމެ ރަށަކަށްވެސް ބާޣީން އަރާފާނެކަމުގެ އިންޒާރުންނެވެ. ކުށެއްނެތް ދިވެހި ރައްޔިތުން ބަޑިތަކުގެ ރަޙުމެއްނެތް އުންޑަތަކުން ކަށީގެ އޮނިތަކަކަށް ހަދާލަފާނެކަމުގެ ބިރުވެރި އިޙުސާސުންނެވެ. ވެރިކަމުގެ ފަރާތުން އެފަދަ ކަމަކަށް އިޝާރާތް ކޮށްގެންނެއް ނޫނެވެ. ހިތްތައް ބިރުން ސިހިސިހި ތިބިވަރުންނެވެ. ދުވަހުގެ ނަމާންކަމާ ކަޅުކަމުން ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ރައްކާތެރި ޢިމަރާތެއްގައި ރައްޔިތުން މަޑުމަޑުން ތިބީ ﷲގެ ހަޟުރަތުގައި ނަސްރާ ފަތަޙަޔަށް އެދި ދުޢާކުރުމުގައެވެ.
އަތޮޅު ތެރެޔަށްވުރެ މާލޭގެ ޙާލަތުގޯހެވެ. ޢާއްމު ރައްޔިތުންނަށްވެސް އަމާންކަމެއް ރައްކާތެރި ކަމެއްނެތެވެ. އެއްވެސް މުހުތާދަކު ގެއިން ބޭރަށް ނިކުމެއްޖެނަމަ ސަލާމަތުން އެނބުރި ގެއަށް އާދެވޭނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. ވާނުވާ ނޭނގޭ ޙާލު ފަތިސްގަޑީގައި ގެއިން ނިކުމެވުނު ގިނަބަޔަކު ވަނީ ޒަޚަމްވެފައެވެ. ނުވަތަ ޝަހީދުވެފައެވެ. ނޫނީ ރަހީނު ކޮށްފައެވެ.
އެދުވަހު މިއުދުވާނުގެ މުގުލުގައި ތިބި ޢަބުދުﷲ ލުތުފީއާއި، ސަގަރު އަޙުމަދު ނާސިރު އުޅުނީ ވެރިކަމުގެ އަވައިގައި ދުނިޔެ ރަންވެގެން ތަމަޅަ ބާޣީންނާއެކު މާލެތެރޭގައެވެ. އެމީހުންނަށް ކުޑައިމީސް ބަހެއްބުނެ ނުވަތަ އިހާނެތި ކަމެއްކޮށްފައި ވާނަމަ ވާހާ މީހަކު އުޅޭނެކަމަށް ލަފާކުރެވޭ ގޭގެއަށްވަދެ ހިފާ ހައްޔަރުކުރުމާއި، ބޭނުންވާ ތަކެތި ހޯދަން ފިހާރަތައް ހަލާކުކޮށްގެން ދަމާ ލޫޓުވުމުގެ އިތުރުން ބަޑިން ބިރުދައްކައިގެން ބޭނުންތައް ޙާޞިލްކުރުމުގައެވެ. އެގޮތުން ރޭގަނޑުގެ ކަނު އަނދިރި ކަމުގައި ރޭޑިޔޯގެ ޚިދުމަތް ކަނޑާލާ މުޅިމާލެއިން ކަރަންޓު ކަނޑާލީވެސް މިދެޚާއިނުން އިސްވެ ތިބެގެންނެވެ. އެ ދުވަހު މިބާޣީންނަށް ޕޯސްޓަލް ބިލްޑިންގުން ކަރަންޓު ކަނޑައި ނުލެވުނުކަން އެއީ ދިވެހިންގެ ނަސީބެވެ. އެދުވަހުގެ ކާމިޔާބަށް ނަސްރު ލިބުމަށް ހުޅުވުނު މައިދޮރޯއްޓެވެ. އިންޑިޔާގެ އަސްކަރީ އެހީ އެހާ ފަސޭހައިން ލިބުމަށް މެދުވެރިވި ވަސީލަތެވެ.
ތަމަޅަ ބާޣީން އެރޭ ފަތިހު ފަތިހާފެށި ހަނގުރާމައިގެ ވަރަށް ކުރީކޮޅު އެމީހުންގެ ވެރިޔަކަށްހުރި ވަސަންތީއާ އޭނާގެ އިސް އެހީތެރިންގެ ދެމީހުން މަރުވެގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށް ފަސޭހައިންނެވެ. މިކަންވީ ދުޝްމަނުންގެ ސިކުނޑި ތަކުގައި ބިރުވެރިކަމުގެ ރަނގަބީލުތައް ޖެހެންފެށި ކަމަކަށެވެ. އުއްމީދުން ފުރިގެންވީ ހިތްތައް މާޔޫސީގެ ބަނަކަމުން އަނދިރި ކުރުވި ނުބައިފާލަކަށެވެ. އަނެއްކޮޅުން ދުޝްމަނުންނަށް ޔަޤީންކަން ދީފައިވާގޮތާ ޚިލާފަށް ސިފައިންގެ މައިމަރުކަޒުން ދުޝްމަނުންނާ ދެކޮޅަށް ދެމުންދިޔަ ވަރުގަދަ ޙަމަލާތައް އިންތިހާޔަށް ވަރުގަދަކޮށް އެމީހުން ނާއުއްމީދު ކުރުވަމުން ގެންދިޔައެވެ. އިރުއެރުމުގެ ކުރިން ފަސޭހަކަމާއެކު ސިފައިންގެ އަތްދަށުލެވި ދިވެހި ވެރިކަން މިލްކު ކުރެވޭނެކަމުގެ ކުލަ ހުވަފެން ދެކެމުންދިޔަ މީހުންގެ ކުޅިފަސް ގެއްލުމުން ދެން ފިޔަވަޅުތައް އަވަސްކުރީ ދިވެހި ރައްޔިތުން ރަހީނު ކުރުމާއިގެންނެވެ. އަމިއްލަ ހަށިތަކާއި، ފުރާނައިގެ ދިފާޢީ އައްޑަނަ ތަކެއްގެ ގޮތުގައި ފިލައިގެން ދަމުން ގެންދާށެވެ.
އެދުވަހު ފުރަމާލޭގެ މައްޗަށް އިރުގެ ދޯދިތައް ފާއްދާލީ މާލޭގެ މަގުތަކާއި، ފަޅު އޮޑިފަހަރުގައިތިބި ޢާއްމުރައްޔިތުން ރަހީނުކޮށްގެން ޖުމްހޫރީ މައިދާނަށް އެއްކުރަމުން ދަނިކޮށެވެ. އެއްބަޔަކު ލައްވާ ބަޑިން ބިރުދައްކައިގެން އެމީހުން ޖަހަން ބޭނުންކުރާ ބަޑި ބަހަށްޓާނެ ތަންތަން ތައްޔާރުކުރަން ވެލިބަސްތާތައް ޖައްސުވަމުންދާއިރު، އަނެއްބަޔަކު ބައިތިއްބާފައިވަނީ ދޮށިމޭނާ ބިލްޑިންގުގެ ހުޅަގުން އޭރު ހަދަމުންދާ ޕާކު (ޖުމްހޫރީ މައިދާނު)ގެ ހުޅަނގު އުތުރު ކަނުގައި ޕާކުތެރޭގައެވެ. ކާން ބޯން އެއްވެސް އެއްޗެއް ނުދީ ފެނަށް ކަޅިއަރަމުން ދިޔައިރުވެސް އިންސާނީ އައްޑަނަ ތަކެއްގެ ގޮތުގައި ދުޝްމަނުންގެ ކުރިމަތީގައި ރަހީނުންތައް އަތުރައިގެން ހަމަލާ ދެމުން ގެންދިޔައީ އިންސާނިއްޔަތުކަމުގެ ކުލުނެއްވެސް ނެތިއެވެ. ދުޝްމަނުންގެ ނިވާފަތްގަނޑަކަށް ހަދައިގެންނެވެ.
އޭރު މި މައިދާނުގައި ދުޝްމަނުން ރަހީނު ކުރުމުގެ ތެރޭގައި ވަޒަންއަރާ ޒަޚަމްވެފައިތިބި މީހުންނާ އެމީހުންގެ ލާއިންސާނީ ޢަމަލުތަކުން ލިބިފައިވާ އަނިޔާތަކަށް ކެތްނުކުރެވިގެން ކަރުނަ އޮހޮރަމުންދާ އެތައްބައިވަރު ދިވެހިންނެއް ރަތްދައްކާ އަވީގައި ގަދަބާރުން ބައިތިއްބާފައިވެއެވެ. އެދުވަހު އިންސާނީ ރުއިމާއި، ގިސްލުމުގެ އަޑު މައިދާނުން ކަޑައިގެން ނުދެއެވެ. އެކަމަކު އެއަޑުތައް ވަނީ ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑުގެ ތެރެއަށްއޮބި ފަނޑުވެފައެވެ.
އެދުވަހުގެ ރަހީނުން ސަލާމަތްވީ އެރޭ އަށްގަޑި ބައިހާއިރު ދުޝްމަނުން ފިލާރައްކާވުމަށް މައިދާންދޫކޮށް ދާންފެށުމުންނެވެ. ފަޅު އޮޑިފަހަރުގެ މީހުންގެ ތެރެއިން ފިލާނެ ފުރުޞަތު ލިބުނު މީހުން މޫދަށް ފުންމާލައިގެން އޮޑިދޯނިފަހަރަށް އަރައިގެން އެއުޅަނދުތަކުގައި މާލޭގެ ފަޅުތެރެއިން ނިކުމެގެން ދިޔައެވެ. އެވަރުންވެސް ދުޝްމަނުން ބައެއް ދޯނިފަހަރަށް ބަޑިޖަހާ އެތައްބަޔަކު ޒަޚަމްކުރިއެވެ.
ދުޝްމަނުންނަށް ކާމިޔާބު ނުވާނެކަން ކަށަވަރުވުމުން ފިލައިގެން ދިއުމުގެ ސައްލާތައް ކުރަންފެށިއެވެ. އެއާއެކު އެވަގުތު ތަމަޅައިންގެ ތެރޭގައި އިސްކޮންހުރި ޕާޕާ ތަމަޅައިންދޫކޮށް ލުތުފީ އަމިއްލައަށް ފިލައިގެން ނުދެވޭނެކަމުގެ އިންޒާރު ދެމުންދިޔައެވެ. އެހެންކަމުން ލުތުފީ ތަމަޅަ ބާޣީންނާއެކު އެމް.ވީ ޕްރޮގްރެސްލައިޓަށް އަރައި ޕްރޮގްރެސްލައިޓު ބާޣީންގެ ބާރުގެ ދަށަށްގެނައެވެ. ބޯޓުގެ ކައްޕިތާނާއި، ކަލާސީންނަށް ބަޑިން ބިރުދައްކައިގެންނެވެ.
ކުރަންއައި މަސައްކަތް ނާކާމިޔާބުވެގެން ފިލައިގެންދާއިރު ރަހީނުންގެ ގޮތުގައި ގެންދާނެ ސަރުކާރުގެ އިސްވެރިންގެ ލިސްޓެއް ތައްޔާރުކޮށް މާލޭގައި ހުރި ސަގަރު ނާސިރަށް ލުތުފީ ފޮނުވިއެވެ. ލިސްޓުގައިވާ ބޭފުޅުންގެ ތެރެއިން އަތުލައިގަނެވުނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އަޙުމަދު މުޖުތަބާގެ ދެކަނބަލުންނާއި، އަލްފާޟިލް އިސްމާޢީލް ނަޞީރެވެ. އޮނަރަބަލް މުޖުތަބާ ރަހީނުކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ލުތުފީމެން ބޭނުންހާގޮތަކަށް ރާއްޖޭން ބޭރަށް ތަކެތި ގެންދިއުން މަނާކޮށްފައިވާތީއެވެ. އިސްމާޢީލް ނަޞީރު ރަހީނުކުރީ ލުތުފީއަށް އަދަބުލިބުނު ކަހަނބުފަތުގެ މައްސަލައިގެ ލިޔުންތައް ލިޔުނީ އިސްމާޢީލް ނަޞީރު ކަމަށްވާތީއެވެ. ރަހީނުންގެ ގޮތުގައި މާލެއިން އެކުޖުމުލަ ސާދަ މީހަކު ބޯޓަށް ގެންދިޔައެވެ.
ދުޝްމަނުން އެރޭ ފަތިހު ދޭންފެށި ހަމަލާތައް އިރުއޮއްސި ހަތެއްޖަހާކަންހާއިރު މެދުކެނޑެންފެށިއެވެ. އެހެނަސް ހަމަލާތައް އެއްކޮން ހުއްޓުނީ އެރޭ އަށްގަޑި ތިރީސްހާއިރުއެވެ. މިޙާދިސާގައި ދިވެހި ސަރުކާރުން އިންޑިޔާސަރުކާރުގައި އެޤައުމުގެ އަސްކަރީ އެހީއަށް އެދިވަޑައިގެންނެވުމުން ހަމަވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންޑިޔާގެ އަސްކަރީ އެހީ ފޮނުއްވިއެވެ. ރަހީނުންނާއެކު ދުޝްމަނުން އަތުލައިގަނެގެން މާލެ ގެނައުމާއި، މާލެތެރޭގައި ފިލައިގެން އުޅުނު ބާޣީން ހޯދުމާއި، ރާއްޖެއާއި، މާލޭގެ އަމަން ބެލެހެއްޓުންފަދަ އެތައްއެތައް ޚިދުމަތެއް އެޤައުމުގެ ސިފައިން ކޮށްދިނެވެ.
އާނއެކެވެ. ކުރާނެހާކަމެއްކޮށް އުޅޭނެހާ ގޮތަކަށް ނޫޅެވިގެން ނޭއްދާރުވެފައި ތިބި ދިވެހި ޚާއިނުންގެ ހަތްމީހުންނާއި، ތަމަޅަ ބާޣީންގެ އަށްޑިހަ ވަރަކަށް މީހުން ގުޅިގެން ރާއްޖޭގައިއޮތް ގާނޫނީ ސަރުކާރު ވައްޓާލަން ދިން ލާއިންސާނީ ޓެރަރިސްޓު ޙަމަލާ ނާކާމިޔާބުވެ، ދިވެހިންނަށް ނަސްރާ ފަތަޙަޔާ ކާމިޔާބު ލިބުނީއެވެ. އަލްޙަމްދުލިﷲ، ﷲ އަކުބަރެވެ. ތިނެއް ނޮވެންބަރ 1988 ވީ ކަޅުބުރާސްފަތީގެ އަނދިރިކަން މިދީބުން ފިލާދިޔައީއެވެ. ﷲ ގެ އޯގާވަންތަކަމާއެކު އެދުވަހު ދިވެހި ސިފައިން ސާބިތުކޮށްދިން ގަދަފަދަ ހިތްވަރާއި، ޖެހިލުން ކުޑަކަމުގެ ސަބަބުންނެވެ.
އެހެނަސް މިއަދުވެސް މިޤައުމުގެ ޙާލުގެ ދުލުން އަޑުން އަޑުނަގާ ޤައުމު ގޮވަމުން އެ ދަނީ މިޤައުމުގެ ކުރިމަގަށްޓަކައި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ ހަރުދަނާ ޒުވާނުން ތަކަކަށެވެ. ފަސްމަގެކޭ އެއްފަދައިން އެފަދަ ކަޅު ބުރާސްފަތިތަކުން މިލޮބުވެތި ޤައުމު ސަލާމަތްކޮށްދޭނެ ކުޅަދާނަ ސިލޭހަވެރިން ތަކަކަށެވެ.
ގަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ޤާނޫނީ އަދަބެއްލިބޭ ކޮންމެ މީހަކު، އެފަދަ ކޮންމެ ފަހަރަކު ވެރިކަން ވައްޓާލަން ވެއްޖެނަމަ ޤައުމުގެ އަމަން އަމާންކަން ދެމިނޯންނާނެކަމެވެ. ކިތައްމެ ބޭނުމަސް ބޭނުންވާ ކޮންމެ މީހަކަށް ވެރިކަން ނުލިބޭނެކަމެވެ. ވެރިކަމަކީ އެކަނލާންގެ އިރާދަކުރައްވާ އިރަކުން އިރާދަކުރައްވާ ބަޔަކަށް އެކަލާންގެ ދެއްވާ އެއްޗެއްކަމެވެ. އާނއެކެވެ. މިއަދު ޤައުމުގެ ހުރިހާ ރައްޔިތުންވެސް މިޤައުމުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ތިމާގެ މަސްލަޙަތުގެ ކުރިޔަށް ޤައުމުގެ މަސްލަޙަތު އިސްކުރަން އެބަޖެހެއެވެ.
No comments:
Post a Comment