ހއ.
ކެލާ މަދަރުސާ އުފެދުނު ތާރީޚް
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ
އުފަން
ދުވަސް ފާހަގަ ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ފޯރިޔާއިއެކު
ކުރަމުން އަންނަކަމެކެވެ. މީސްމީހުންނާ ތަކެތީގެ އުފަންދުވަހެވެ. ތަންތަނާއި
ތަކެތީގެ އަހަރީ ދުވަހެވެ. މިކަމުގައި އެކަކަށްވުރެ އަނެކަކު ކުރިހޯދޭތޯ ބަލައެވެ.
އެއްބަޔަކަށްވުރެ އަނެއްބަޔަކު ކުލަގަކުރެވޭތޯ ބަލައެވެ. އެއްފަހަރަށްވުރެ
އަނެއްފަހަރު ތަފާތު ކުރެވޭތޯ ބަލައެވެ. އެއްބަޔަކު ދުނިޔޭގެ އެންމެ ފެންވަރު
ރަނގަޅު ހޮޓާތަކުގައި އުފަންދުވަސް ފާހަގަކުރިއްޔާ އަނެއްބަޔަކު ކަނޑު އަޑީގައެވެ.
ނޫނީ ފަޒާގައެވެ. ނޫނީ ދެންވެސް ދެވެންއޮތް އެހެން މަޝްހޫރު ތަނެއްގައެވެ.
އެހެނަސް މިހާރުވެސް އުފަންދުވަސް ފާހަގަ ނުކުރާ ތަންތަނާއި މީސްމީހުންވެސް
އުޅެއެވެ. އެއްބަޔަކު ބޭނުން ނުވާތީއެވެ. އަނެއްބަޔަކު ތަނަވަސްކަން ނެތިގެންނެވެ.
އަނެއްބަޔަކު ހިތްހަމަ ނުޖެހޭތީއެވެ. އަނެއްބަޔަކަށް އުފަންދުވަސް ކަށަވަރު ނުވާތީއެވެ.
މިފަދަ އެއްތަނަކީ ކެލާ މަދަރުސާއެވެ. ޢުމުރު 72 އަހަރު ފުރުނު އިރުވެސް އެ
މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ނުކުރެއެވެ.
މަދަރުސާގެ އަހަރީ ދުވަސް
ފާހަގަނުކުރަނީކީއްވެބާ؟
ހއ. ކެލާ
މަދަރުސަތުލްޝައިޚު އިބުރާހީމުގެ އަހަރީ ދުވަސް 2016 ވަނަ އަހަރު ނިމުނު އިރު ވެސް
ފާހަގަ ކުރެވިފައެއް ނުވެއެވެ. އެ މަދަރުސާގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އެހާރާއި މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިންވެސް ބޭނުންނުވާތީއެވެ. ސަބަބެއް
ނެތިއެއްނޫނެވެ. ދިވެހި ދައުލަތުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން ގަބޫލުކުރާ
މަދަރުސާގެ އަހަރީ ދުވަހާމެދު މަދަރުސާގެ މަސްއޫލުވެރިންނާއި، ގުޅުންހުރި
ފަރާތްތަކުން ހިތްހަމަ ނުޖެހޭތީއެވެ. މަދަރުސާ އުފެދުނުކަމަށް މިނިސްޓުރީ އޮފް
އެޑިޔުކޭޝަނުގައި ރެކޯޑުކުރެވިފައިވާ ތާރީޚު މަދަރުސާ އުފެދުނު ތާރީޚަށްވުރެ
އެތައްގުނައެއް ހަގުވެފައި ވާތީއެވެ. އެއް ދުވަހެއް ދެ ދުވަހެއް ނޫނެވެ. އެއް މަހެއް
ދެ މަހެއްނޫނެވެ. އެއް އަހަރެއް ދެ އަހަރެއް ވެސް ނުމެނޫންމެއެވެ. 24 އަހަރެވެ.
މިފަދަ ބޮޑު ތަފާތެއްވާކަން ކަނޑައެޅިގެން އެނގޭ ޙަޤީޤަތްތަކެއް ވާއިރު ރުހެވޭނީ
ކާކަށް ކޮންބަޔަކަށް ތޯއެވެ؟ ދެން އޮތް ބޮޑު ސުވާލަކީ މިފަދަ ބޮޑުތަފާތެއް
އޮންނަން ޖެހުނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. ދިގު ވާހަކައެވެ. ބޮޑު
މައްސަލައެކެވެ. އެހެނަސް މައްސަލަ ސާފުވެ ޙަޤީޤަތް އެނގޭނީ ކަމުގެ ތެރެއަށްވަދެ
ކަންވީގޮތް ހޯދާ ބަލާ ދިރާސާ ކުރުމުންކަން އެންމެންވެސް ދަނެއެވެ. އެއާއެކު
އެކަމަށްޓަކައި ތަފާތު ދުވަސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު މަސައްކަތްތަކެއް
ކުރެވިފައިވާކަން ފާހަގަ ކުރަން ޖެހެއެވެ.
މަދަރުސާގެ އަހަރީ ދުވަހާއިމެދު
ޚިޔާލު ތަފާތުވުން
1993
ވަނަ އަހަރު އޭރު ކެލާމަދަރުސާގެ ހެޑުމާސްޓަރ ހއ. ކެލާ އިސްތާނާ އަލްފާޟިލް އަޙުމަދު
ފައިޞަލް މަދަރުސާގެ އަހަރީދުވަސް މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓުރީ
ކުރެވިފައިވާގޮތަށް 16 ޖަނަވަރީ 1969 ކަމަށް ބައްލަވާ 25 އަހަރު ފުރުނު
މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަ
ކުރުމުގެ ހުއްދައަކަށް އޭރުގެ ކެލާ މަދަރުސާގެ މަސްއޫލުވެރިޔާ ހއ. ކެލާ އޮފީހުގައި
އެދިލެއްވިއެވެ. މިކަމާގުޅިގެން އޭރުގެ ކެލާ ކަތީބު ހއ. ކެލާ ވިނަ ޢަބުދުﷲ
ވަޙީދު އޭރުގެ ރަށް ކުރިއަރުވާ (ރ.ކ)
ކޮމިޓީއަށް ހުށަހެޅުއްވިކަމަށް އޭރު ރ.ކ ކޮމިޓީ ވަގުތީ ގޮތުން ހިންގެވުމާއި
ޙަވާލުވެ ހުންނެވި ކޮމިޓީގެ ސެކެއްޓަރީ ޢަބުދުލް ޢަޒީޒު އާދަމް (1993) ލިއުއްވާފައިވާ
ކޮމިޓީގެ ޔައުމިއްޔާތަކުން ހާމަވެއެވެ. ޢަބުދުލް ޢަޒީޒު އާދަމް (1993) ގެ
ޔައުމިއްޔާތަކުން އިތުރަށް ހާމަވާ ގޮތުގައި އެ ކޮމެޓީގެ މެންބަރުންނަށް މިކަން
ހުށަހެޅުމުން މަދަރުސާއަށް 25 އަހަރަށްވުރެ މާ ގިނަދުވަސް ވާނެކަމަށް ފެންނާތީ
ކެލާ މަދަރުސާ އެންމެފުރަތަމަ ހުޅުވުނުއިރު މުދައްރިސަކަށް އަދި ފަހުން
މަސްއޫލުވެރިޔަކަށް ހުންނެވި ހއ. ކެލާ ކޯއްޓޭގޭ ޤާސިމް މޫސާމަނިކު (ކާސިންކަތީބު)
ރަށްކުރިއަރުވާ ކޮމެޓީގެ އެހެން ޖަލްސާއަކަށް ދައުވަތު އަރުވައިގެން ގެނެސް
މަދަރުސާގެ ޙަޤީޤީ އަހަރީ ދުވަހާ ބެހޭ މަޢުލޫމާތު ހޯދުމަށް ނިންމުނެވެ.
މަދަރުސާގެ އަހަރީ ދުވަހާއި
ގުޅޭ މަޢުލޫމާތު ހޯދުން
13
އޯގަސްޓު 1993 ވީހުކުރު ދުވަހު 2:00 ގައި ހއ. ކެލާ އޮފީހުގައި ބޭއްވުނު ރަށްކުރިއަރުވާ
ކޮމިޓީގެ ޖަލްސާއަށް ކެލާމަދަރުސާގެ ފުރަތަމަ މުދައްރިސް އަދި މަސްއޫލުވެރިޔާ
ފަހުން ކެލާ ކަތީބުކަމާއި، ބޮޑުކަތީބުކަންވެސް
ކުރެއްވި ހއ. ކެލާ ކޯއްޓޭގޭ ޤާސިމް މޫސާމަނިކު ގެންނަވައިގެން މަދަރުސާއާއިބެހޭ
މަޢުލޫމާތު ހޯއްދެވިކަމަށް ރ.ކ ކޮމިޓީގެ އެދައުރުގެ ރައީސް މުޙައްމަދު ޖަމީލު
(1993) ހާމަކުރައްވައެވެ. ޤާސިމް މޫސާމަނިކު (1993) ހާމަކުރައްވާ ގޮތުގައި ދިވެހި
ސަރުކާރުން އެންގެވި އެނގެވުމަކާއި ގުޅިގެން ކެލާ މަދަރުސާ ހުޅުވީ ހއ. ކެލާ އުތުރު
އަވަށު އަވަށުގޭ ޢިމާރާތުގައި ހިޖުރައިން 1364 ވަނައަހަރު ޞަފަރުމަހު 6
ވަނަދުވަހުއެވެ. މަދަރުސާ ހުޅުއްވުމަށްފަހު މަދަރުސާގެ ފުރަތަމަ މުދައްރިސަކަށް
ހަމަޖެއްސެވީ ޤާސިމް މޫސާމަނިކެވެ. ޤާސިމް މޫސާމަނިކު (1993) އިތުރަށް
ހާމަކުރެއްވި ގޮތުގައި އޭގެ ދެމަސް ފަހުން ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން
ލިބުމާ ގުޅިގެން މަދަރުއާއަށް އިތުރު ދެމުދައްރިސުން ލައްވައިގެން މަދަރުސާގެ
ކަންތައް ކުރިޔަށް ގެންދެވުނެވެ. އެހެނަސް ދެންވެސް މަދަރުސާ ހިންގުން ޙަވާލުކުރެއްވީ
ޤާސިމް މޫސާ މަނިކާއެވެ. އޭރުންފެށިގެން ކަތީބުކަމުން ވަކިވެވަޑައި ގަންނަވަންދެން
ވެސް މަދަރުސާގެ މަސްއޫލުވެރިޔެއްގެ ގޮތުގައި ހުންނެވީ ޤާސިމް މޫސާމަނިކެވެ. އެހެންކަމުން
ޤާސިމް މޫސާމަނިކަކީ ކެލާ މަދަރުސާ ފެއްޓެވި ބާނީއެވެ.
ދިވެހި
ދައުލަތުން ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން ދެއްވީ މީލާދީން 1943
ވަނައަހަރުގައި ކަމުގައި ޤާސިމް މޫސާމަނިކު (1993) ހާމަކުރައްވައެވެ. ކުރިންވެސް
ދެންނެވިފައިވާނެ ފަދައިން ކުޑަކަތީބުކަން ލިބުނުއިރު އޭނާ ހުންނެވީ މަދަރުސާގެ
މުދައްރިސަކަށެވެ. ކުޑަ ކަތީބުކަން ލިބުނީ މަދަރުސާހުޅުވި މަދަރުސާގައި
މަސައްކަތްކުރާތާ ދެމަސް ފަހުންނެވެ. ޤާސިމް މޫސާމަނިކު (1993) ރ.ކ ކޮމިޓީއަށް
ދެއްވި މަޢުލޫމާތުގައި ވާގޮތުން މަދަރުސާ ހުޅުވި ކަމަށް ވިދާޅުވި ހިޖުރީ ތާރީޚު
ރައްކާކުރެވިފައި ވަނީ ޤާސިމް މޫސާމަނިކު އަމިއްލަ ޚާއްޞަ މަޢުލޫމާތު
ރައްކާކުރައްވަން ގެންގުޅުއްވާ ފޮތެއްގައެވެ. ޤާސިމް މޫސާމަނިކު ރ.ކ ކޮމިޓީއަށް
މަޢުލޫމާތުދެއްވި ބައްދަލުވުމަށް ރ.ކ ކޮމިޓީގެ މެންބަރެއްގެ ޙައިސިއްޔަތުން
ލިޔުންތެރިޔާ ޙާޟިރުވެ އިނީމެވެ.
މަދަރުސާގެ އަހަރީ ދުވަހާއި
ގުޅޭ މަޢުލޫމާތު މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅުން
އިސްވެ
ދެންނެވުނު ރައްކުރިއަރުވާ ކޮމިޓީގެ ބައްދަލުވުމުގައި ޤާސިމް މޫސާމަނިކު ދެއްވި
މަޢުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް ހއ. ކެލާ މަދަރުސާއަކީ 1943 ވަނައަހަރުން
ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއްކަމާ އެދުވަހުން ފެށިގެން މެދު ނުކެނޑި
ކެލާ މަދަރުސާ ހިނގާތާ 50 އަހަރު ފުރިފައިވާކަން ބަޔާން ކުރައްވައި މިނިސްޓުރީ
އޮފް އެޑިޔުކޭޝަނުން އެތާރީޚު ގަބޫލުކޮށްދެއްވުމަށް އެދި ކެލާ އޮފީހުގެ ނަމްބަރު 8A/22/93/132 ސިޓީން
މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ދަންނަވާފައި ވާނޭކަމުގައި އޭރު ކެލާކަތީބު
ޢަބުދުﷲ ވަޙީދު ވިނަ (1993) ހާމަކުރެއްވިއެވެ. ޢަބުދުﷲ ވަޙީދު (1993) އިތުރަށް
ހާމަކުރެއްވި ގޮތުގައި ދެންނެވުނު ސިޓީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް
ހުށަހަޅާފައި ވާނީ މަދަރުސާގެ ބައެއް މުދައްރިސުންނާއި، މުސްކުޅި ދަރިވަރުން ދިން މަޢުލޫމާތުތަކާއި، އެބޭފުޅުންގެ ބަޔާން ތަކާއިވެސް އެކުގައެވެ.
އެހެނަސް މިކަމާ ގުޅޭ ގޮތުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން އެއްވެސް ޚަބަރެއް ނުވުމުން
މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް ގުޅާ އެވާހަކަ ދެއްކެވުމުމުން އެމިނިސްޓުރީން
ވިދާޅުވިކަމަށް ޢަބުދުﷲ ވަޙީދު (1993) ވިދާޅުވީ ކެލާ އޮފީހުން ފޮނުވި ސިޓީގައިވާ
ތާރީޚު ތަކުގައި މައްސަލައެއް އުޅޭތީ ހުށަހެޅި ހުށަހެޅުން ބަލައިގަނެވެން
ނެތްކަމުގައެވެ.
މަދަރުސާގެ އަހަރީ ދުވަހާއި
ގުޅޭ މަޢުލޫމާތު އިތުރަށް ބަލާ ދިރާސާކުރުން
ހއ. ކެލާ
އޮފީހާއި ރައްކުރިއަރުވާ ކޮމިޓީން މަދަރުސާގެ އަހަރީ ދުވަސް ހޯދާ ސާބިތު
ކޮށްދިނުމަށް ކުރި ބުރަ މަސައްކަތްތަކެއް ތާކުންތާކުނުޖެހި ދިއުމުގެ ސަބަބުން އެ
މަސައްކަތް އެހާހިސާބުން ހުއްޓިގެން ދިޔައެވެ. ކަންމިހެން ވެފައިވަނިކޮށް ލިޔުންތެރިޔާ
ޤާސިމް މޫސާމަނިކު ވިދާޅުވި ހިޖުރީތާރީޚު ދިރާސާކޮށް ބެލިބެލުމުން މިނިސްޓުރީ އޮފް
އެޑިޔުކޭޝަނުން އެވިދާޅުވީ ތެދެއްކަން ހާމަވިއެވެ. ސަބަބަކީ ގާސިމް މޫސާމަނިކު
ދެއްވި މަޢުލޫމާތު ރަށްކުރިއަރުވާ
ކޮމިޓީގެ ފަރާތުން ރަށުއޮފީހަށް ފޮނުވަން ލިޔެފައިވާ އެކޮމިޓީގެ ނަމްބަރ:/A8/93/8 ރކ Aސިޓީލިޔެފައިވާ ހިޖުރީ
ތާރީޚު (14 ޞަފަރު 1414) އިން 6 ޞަފަރު 1364 ވީ ހިޖުރީ ތާރީޚު، ކަނޑާއިރު ވަނީ 50
އަހަރެވެ. އެހެނަސް ކޮންމެ މީލާދީ އަހަރަކާއި، ހިޖުރީ އަހަރެއްގެ ތަފާތު އަހަރަކު 11 ދުވަސް އުޅޭއިރު
ހިޖުރީ އަހަރުގައި 11 ދުވަސް މަދުވަނީއެވެ. ވީމާ ހިޖުރީ ގޮތުން 50 އަހަރު ފުރުނު
ކަމުގައި ވިޔަސް މީލާދީ ގޮތުން ބަލާއިރު 50 އަހަރެއް ނުފުރޭނެއެވެ.
އެގާރަ
ފަންސާހާއި ގުނަކުރީމާ ވަނީ (11x50=550) ފައްސަތޭކަ ފަންސާސް ދުވަސް ކަމަށްވާ އިރު 550 ދުވަހަކީ 18
މަހަށް ވުމުން 18 މަސް (އެއް އަހަރާއި ހަމަސް) މަދުވާތީއެވެ. ކަންމިހެން ހުރުމުން
6 ޞަފަރު 1364 މީލާދީ ތާރީޚަށް ބަދަލު ކުރިއިރު އެތާރީޚު ދިމާވަނީ 21 ޖަނަވަރީ
1945 ށެވެ. އެހެންކަމުން ޤާސިމް މޫސާމަނިކު (1993) ކެލާ މަދަރުސާއަކީ 1943
ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއް ކަމުގައި އެވިދާޅުވި
ވިދާޅުވުމުގައި ފުށުއެރުމެއް ވަނީކަމަށް ޤަބޫލުކުރެވެއެވެ. މިގޮތަށް ދިމާވި
ސަބަބަކީ ކެލާ އޮފީހުގައި ހުޅުޖަހާ ލިޔެކިޔުންތައް އަންދާލި އަންދާލުމުގައި
މަދަރުސާގެ ލިޔެކިޔުމެކޭ އެއްގޮތަށް އޮފީހުގެ ރަސްމީ ލިޔެކިޔުންތައްވެސް
އަނދައިގެން ދިޔަ ދިޔުމުގައި ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން ލިބުނުކަމަށް
އެންގެވި ރަސްމީލިޔުންވެސް އަނދައިގެން ގޮސްފައިވާތީއެވެ. އަމިއްލަ ނޯޓުގެ މައްޗަށް
ބުރަވެ މަދަރުސާއަކީ 1943 ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ
މަދަރުސާއެއްކަމަށް ޤާސިމް މޫސާމަނިކު (1993) އެވިދާޅުވީ ހިޖުރީ ގޮތުން ފަންސާސް
އަހަރުވެފައިވާތީ މީލާދީ ގޮތުންވެސް ފަންސާސް އަހަރު ވާނެކަމަށް ޤާސިމް މޫސާމަނިކު
ދެކެލައްވާތީ ކަމަށް ގަބޫލުކުރެވެއެވެ.
މަތީގައި
ބަޔާންކުރެވުނު ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުމުން އައި ތާރީޚު
އެގޮތަށް ދެއްކުމުން އެކަން އިތުރަށް ޔަޤީންކޮށް ކަށަވަރު ކުރުމަށްޓަކައި ހިސާބު
ޢިލްމުގެ ރޮނގުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ މަޝްހޫރު ހިސާބު ޢިލްމު ވެރިޔާ
މުޙައްމަދު ޔޫސުފު މާޔާ ލައްވާ ދެންނެވުނު ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް
ބަދަލުކުރުވީމެވެ. އުފަލާއި އެކު ފާހަގަ ކުރަން ޖެހެނީ މުޙައްމަދު ޔޫސުފު މާޔާ
(2012) އެއްބަސްވެ ވަޑައިގަންނަވަނީ ވެސް ލިޔުންތެރިޔާ ވެސް އެއްބަސްވާ ހިޖުރީން 6
ޞަފަރު 1364 ދިމާވާ މީލާދީ ތާރީޚަކީ 21 ޖަނަވަރީ 1945 ކަމުގައެވެ. މިކަން މިގޮތަށް
ކުރީ މިތާރީޚު އިތުރަށް ކަށަވަރު ކުރުމަށާއި، މިދިރާސާ އިތުރަށް ބާރުގަދަ ކުރުމުގެ
ގޮތުންނެވެ.
މިނިސްޓުރީ އޮފް
އެޑިޔުކޭޝަނުގައި މިމަދަރުސާ އުފެދުނު ތާރީޚު ތަފާތުވަނީކީއްވެ؟
މިހާ
ހިސާބުން އުފެދޭ ބޮޑު ސުވާލަކީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި މިމަދަރުސާ
އުފެދުނު ތާރީޚުކަމަށް ރެކޯޑު ކުރެވިފައިވާ ތާރީޚު އެގޮތަށް ރެކޯޑު ކުރެވުނު
ގޮތަކާއި މެދު އުފެދޭ ސުވާލެވެ. އެހެން ދިމާވާން ޖެހުނު ސަބަބެއްކަމުގައި
މިމަދަރުސާގެ ނާޒިރުކަމުގައި އޭރު
ހުންނެވި ހއ. ކެލާ ޓޫސަންސް މުޙައްމަދު ރަޝީދު ޅަސީދީ (2012) ވިދާޅުވަނީ
އެތާރީޚަކީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އަލްފާޟިލް އިބުރާހީމް
ނާޞިރުގެ ވެރިކަމުގައި އަތޮޅުތެރޭގައި ތަޢުލީމު ދެމުންދާ އަމިއްލަ މަދަރުސާ
މަކުތަބުތައް ރަޖިސްޓުރީ ކުރުމަށް ކުރެއްވި އަމުރުފުޅަކާ ގުޅިގެން މިނިސްޓުރީ އޮފް
އެޑިޔުކޭޝަނުގައި ކެލާ މަދަރުސާ އަމިއްލަ މަދަރުސާއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރި
ތާރީޚު ކަމުގައެވެ. މިކަން އިތުރަށް ސާބިތުވަނީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގެ
ނަމްބަރ: 22-E/2000/26 އިޢުލާނާ ގުޅިގެން މަދަރުސަތުލް ޝައިޚުއިބުރާހީމް ސަރުކާރު
ސުކޫލަކަށް ބަދަލުކުރުމަށް ފަހު އެ މިނިސްޓްރީން ހައްދަވާފައިވާ ރަޖިސްޓުރީ
ނަމްބަރ: 22-A/82/80/60 ކުންނެވެ. އެހެނީ އެރަޖިސްޓުރީގައި ވެސް ވަނީ މަދަރުސާ ފެށި
ސާބިތު ތާރީޚާ މަދަރުސާ ރަޖިސްޓުރީ ކުރި ތާރީޚާ އެއްތާރީޚެއްގެ ގޮތުގައެވެ. އެއީ
16 ޖަނަވަރީ 1969 ކެވެ.
އެޒަމާނަކީ
ލިޔެކިޔުންތައް ބަރާބަރަށް ރައްކާކުރެވެމުން އައިސްފައިވާ ޒަމާނެއްނޫނެވެ. އަދި
މަދަރުސާތައް ހުޅުވުމާއެކު އެތަންތަން ރަޖިސްޓުރީ ކުރި ޒަމާނެއްވެސް ނުމެ
ނޫންމެއެވެ. ވީމާ މިހުރިހާ ކަމަކަށް ރިއާޔަތް ކުރާއިރު މުޙައްމަދު ރަޝީދު (ހއ.
ކެލާ ޓޫސަންސް) އެވީދާޅުވާ ވިދާޅުވުން ތެދުކަމުގައި ގަބޫލުކުރަން އެބަޖެހެއެވެ.
އެއީ 16 ޖަނަވަރީ 1969 ކީ މި މަދަރުސާ އަމިއްލަ މަދަރުސާއެއްގެ ގޮތުގައި
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީ ކުރެވުނު ތާރީޚު ކަމާއި މަދަރުސާގެ
އަހަރީ ދުވަހަކީ ހިޖުރީން 6 ޞަފަރު 1364 ކަމާއި އަދި އެއީ މީލާދީން 21 ޖަނަވަރީ
1945 ކަމެވެ. މުޙައްމަދު ރަޝީދަކީ ގިނަދުވަސްތަކެއް ވަންދެން މިމަދަރުސާގެ
ނާޒިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މި މަދަރުސާގެ
ރަންޒަމާނުގައި މަދަރުސާހިންގެވި ހިންގުންތެރިޔާވެސް މެއެވެ.
ނިންމުން
ކުރެވުނު
ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ ކެލާމަދަރުސާ އުފެދުނު ތާރީޚު ހޯދުމަށްޓަކައި
އޭރުގެ ހއ. ކެލާ އޮފީހާއި، ރަށްކުރިއަރުވާ
ކޮމިޓީ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަށްވާފައިވާ ކަމުގައެވެ. އެހެނަސް
އެކުރެވުނު މަސައްކަތްތަކުގެ އެދެވޭ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭރު ލިބިގެން
ނުދިޔައީ ކެލާ އޮފީހުގެ ހުރިހާ ލިޔެކިޔުމެއް އަނދައިގެން ގޮސްފައި ވުމުން ޤާސިމް
މޫސާމަނިކަށް ކުޑަކަތީބުކަން ލިބުނު ފުރިހަމަ މީލާދީ ތާރީޚު ގެއްލިފައިވާތީއެވެ.
އަދި ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން
ލިބުނީ މަދަރުސާ ހުޅުވުނުތާ ދެވަނަ މަހުގައި ކަމަށްވާތީ ޤާސިމް މޫސާމަނިކު
މަދަރުސާއާ ގުޅޭގޮތުން ކޮށްފައިވާ ނޯޓަށް ބަލާއިރު ހިޖުރީ ގޮތުން ފަންސާސް
އަހަރުވުން ދިމާވަނީ މީލާދީން 1993 ވަނަ އަހަރަށް ވުމުން، ހިޖުރީ ތާރީޚުގެ މައްޗަށް ބައްލަވާ ކޮންމެ ހިޖުރީ
އަހަރަކަށް މީލާދީ އަހަރެއް ގުނައިގެން 1993 ވަނައަހަރަށް ފަންސާސް އަހަރުވާނީ
1943 ގައި މަދަރުސާ ހުޅުވީމަކަމަށް ޤާސިމް މޫސާމަނިކަށް ގަބޫލުކުރެވުމުންނެވެ. އެހެނަސް އެއޮޅުން
ރަނގަޅުކުރެވި މަދަރުސާގެ އަހަރީ ދުވަސް ކަށަވަރު މިކުރެވުނީ އޭރު ރ.ކ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތައް
އަސްލެއްގެ ގޮތުގައި ބަލައިގެން އިތުރަށް ކުރެވުނު މަސައްކަތުންނެވެ. އެގޮތުން
މިހާރު މިވަނީ ކެލާ މަދަރުސާގެ ޙަޤީޤީ
އަހަރީ ދުވަސް ކަށަވަރުވެ ސާފުވެފައެވެ.
މިދިރާސާގެ
އަލީގައި ދަންނަވަން ޖެހެނީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ކެލާ މަދަރުސާ
އުފެދުނު ދުވަސްކަމުގައި ރެކޯޑު ކުރެވިފައިވާ ދުވަހަކީ އެމިނިސްޓުރީގައި މަދަރުސާ ރަޖިސްޓުރީ ކުރެވުނު ދުވަހެވެ.
ދިރާސާއިން ސާބިތުވި ފަދައިން އެހެން އެކަން ދިމާވެފައި އެވަނީ އިބުރާހީމް
ނާސިރުގެ ވެރިކަމުގައި އަމިއްލަ މަދަރުސާ މަކުތަބުތައް ރަޖިސްޓުރީ ކުރެއްވުމަށް
ކުރެއްވި އަމުރުފުޅާ ގުޅިގެން މަދަރުސާ މަކުތަބުތައް ރަޖިސްޓުރީ ކުރިކުރުމުގައި
ކެލާ މަދަރުސާވެސް ރަޖިސްޓުރީ ކުރެވުނީމައެވެ. މިކަން އިތުރަށް ކަށަވަރުވެ
ސާބިތުވަނީ އެޒަމާނުގައި މިފަދަ ލިޔެކިޔުންތައް ގަވާޢިދުން ބެލެހެއްޓެމުން
ގޮސްފައި ނުވާތީއެވެ. އެހެންކަމުން ދިރާސާގެ ހެކިތަކަށް ބުރަވާއިރު ހއ. ކެލާ
މަދަރުސާ އުފެދިފައިވަނީ ހިޖުރީން 6 ޞަފަރު 1364 މީލާދީން 21 ޖަނަވަރީ 1945
ގައިކަން ސާބިތުވެއެވެ.
ނިމުނީ!
No comments:
Post a Comment