Sunday, June 21, 2020

ތަގުރީރު

ޝެއިޚް އިބްރާހީމް ސްކޫލަށް 75 އަހަރު ފުރުން

ތިރީގައި މިވަނީ ހއ. ކެލާ ޝެއިޚް އިބްރާހީމް ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި (21 ޖަނަވަރީ 2020) ވަނަދުވަހު އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެންބްލީގައި ސްކޫލުގެ ތާރީޚާ ބެހޭގޮތުން އަޅުގަނޑު (ޝަކީލާ ޙާމިދު) ދެއްކި ވާހަކައިގެ ނަކަލެކެވެ.

 

ނެތުމުގެ ތެރެއިން މި ކާއިނާތު އުފެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. އިންސާނީ ތާރީޚް ދުށް އެންމެ މަތިވެރި ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ޞަލަވާތާ ސަލާމް ލެއްވުމަށް އެދި ދުޢާދަންނަވަން. މި މުހިއްމު އެސެންބުލީގެ ޝަރަފުވެރި މެހްމާން ކެލާ ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޣުފްރާން. ސްކޫލުގެ ޕްރިންސިޕަލް. ސްކޫލުގެ ހިންގުންތެރިވެރިންނާއި، މުވައްސަސާތަކުގެ ވެރިން. ޓީޗަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިން. އަޅުގަނޑު ނުހަނު ލޯބިވާ ލޮބުވެތި ދަރިވަރުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

 

ފަހަރުގައި އަޅުގަނޑުގެ އަޑު ހުރިގޮތުން އަޅުގަނޑު މި ދައްކާ ވާހަކަ ތިޔަބޭފުޅުންނަށް ސާފުނުވުން އެކަށީގެންވޭ، އެހެންކަމަށް ވާނަމަ ތިޔަ އެންމެ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން.

މިޚާއްޞަ އެސެންބުލީގައި ސްކޫލުގެ ތާރީޚާ ބެހޭގޮތުން ތިޔަ އެންމެހާ ބޭފުޅުންނާ މުޚާތަބު ކުރުމުގެ ފުރުޞަތު މިންވަރުކޮށްދެއްވި ﷲ ސުބުޙާނަހޫވަތަޢާލާއަށް ޙަމްދާ ޝުކުރުކުރަން. އެއަށްފަހު މިފުރުޞަތު ދެއްވުމުގައި މެދުވެރި ކުރެއްވި ސްކޫލުގެ ޕްރިންސިޕަލާއި އެންމެހާ ވެރިންނަށާއި، މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން.

ލޮބުވެތި ދަރިވަރުން.

މި ވޭތުވެދިޔަ އަހަރުތަކުގައި ތިޔަކުދިން އައީ ތަކުރާރުކޮށް މިސްގެ ވާހަކަތައް އަބަދާއި އަބަދު އަޑުއަހަމުން. ވީމާ ފަހަރުގައި ތަގުރީރެްގެ ގޮތަށް މި ވާހަކަކޮޅު އަދުއަހަން ތިޔަ ދަރިވަރުންނަށް ދަތިވެދާނެ. އެހެންކަމުން މިއަދު މިއުޅެނީ ވާހަކަ އަރަތެއް ކިޔައިދޭން. މިއީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ހެދިފައިވާ އަރަތެއް. އެންމެ ރަނގަޅުދޯ؟

ތިޔަކުދިންނަށް އެނގެއެންނު ވާހަކަ ކިޔައިދޭ ނަޒަރުތައްދޯ؟ އެއީ ކޮންނަޒަރުތަކެއް؟ އާނ! ވަރަށް ރަނގަޅު. ކޮބާ ފުރަތަމަ ނަޒަރަކީ؟ ހާދަ މޮޅޭ! އެހެންވީމާ ފުރަތަމަ ނަޒަރަކީ އަހަރެން ކިޔައިގެން ކިޔައިދިނުން. ވީމާ މިއަދު މިސް ވާހަކަ ކިޔައިދޭނީ ފުރަތަމަ ނަޒަރުން. އެހެނަސް އަރަތެއްގެ ގޮތަށް. އެންމެ ރަނގަޅެއްނު ދޯ. ވާހަކަ ނިމުނީމަ ތިޔަކުދިންވާނެ މި ވާހަކައިގައި އުޅޭ އަހަރެންނަކީ ކާކުކަން ބުނެދޭން. 

 

# އަހަރެންނަކީ ހއ. ކެލަޔަށް އުފަން ކެލާ ދަރިއަކީން.

# އަހަރެން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނޭވާލީ ހިޖުރައިން 1364 ވަނައަހަރުގެ ޞަފަރުމަހުގެ 6 ވަނަ ދުވަހު.

   އެއީ މީލާދީ ގޮތުން 21 ޖަނަވަރީ 1945 ގައި.

# ނަސީބު ރަނގަޅުކަމުން އަހަރެން ދުނިޔެއަށް އައުމާއެކު އަހަރެންގެ ހުރިހާ މަސްއޫލިއްޔަތަކާއި ޙަވާލުވެ ލެއްވީ އޭރުގެ

    ކެލާ ކަތީބު މަރުޙޫމް ޤާސިމް މޫސާމަނިކު. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

    އާމީން.

# މަރުޙޫމް ޤާސިން މޫސާ މަނިކަކީ ނުހަނު ބުރަކޮށް އުޅުއްވާ ރަށުގެ ކުޑަކަތީބަށް ވުމުން، އަހަރެންނާ އަހަރެންގެ ޢާއިލާއަށް ޚިދުމަތް ކުރެއްވުމުގައި ޤާސިމް މޫސާމަނިކާއެކު މަސައްކަތް ކުރެއްވީ ފަހުން ކުޑަކަތީބު ކެލާ ފީރޯޒްގޭ އަލްފާޟިލް އިސްމާޢީލް މޫސާމަނިކު. އޭރު އަހަރެންނަކީ އަވަށަސް ނިސްބަތްވާ އަވަށު ދަރިއެއް.

# ދުވަސްކޮޅަކުން އަހަރެންގެ ޢާއިލާ ބޮޑުވެ އަހަރެންގެ ޢާއިލާ ބެލެހެއްޓުމަށް އިތުރު ބައެއްގެ އެހީތެރިކަމަށް ބޭނުންވި ހިނދު، މުލީ މުޙައްމަދު ފުޅު ކިޔާ ބޭކަލަކުވެސް ޚާއްޞަ ޚިދުމަތްތެރިއެއްގެ ގޮތުގައި އަހަރެންނަށް ޚިދުމަތްކުރިއެވެ. މިދުވަސްވަރު އަހަރެންގެ ނަން ރަށާ ގުޅޭ ގޮތަށް ބަދަލުވެ ރަށުގެ ދަރިވަންތަކަމުގެ ލަގަބު ލިބުނު.

# ދެންއައީ ޒަމާނަށް އައި ކުރިއެރުމާއި ދިރިއުޅުމަށް އައި ބަދަލުތަކާއެކު އިނގިރޭސި ތަޢުލީމާ ދިމާލަށް ރާއްޖެ ދީލާލި ދުވަސްވަރެއް. އެހެނަސް އެނަސީބެއް އޭރުތިބި އަހަރެންގެ ދަރިންނަށާއި ޢާއިލާއަށް ލިބޭގޮތެއް އޭރަކު އަދިނުވި. ނަމަވެސް އަލަށްއައި އޮއިވަރާއެކު 1969 ވަނައަހަރު ޖަނަވަރީ 16 ވަނަ ދުވަހު އަހަރެންނަށްވެސް ދައުލަތުން އުފަން ދުވަހުގެ ރަޖިސްޓުރީއެއް ހައްދައިދީފި. އޭރުވެސް އަހަރެންގެ ޢާއިލާގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރައްވަނީ މަރުޙޫމް ޤާސިން މޫސާމަނިކު. އެހާހިސާބަށް އައިއިރު އަހަރެންގެ އިސް ޚިދުމަތްތެރިއެއްގެ ގޮތުގައި ހުންނެވީ ކެލާ ޓޫސަންސް މަރުޙޫމް މުޙައްމަދު ރަޝީދު (ޅަސީދީ). އެއީ އަހަރެންގެ ރަންދުވަސްވަރޭ ބުނުމަކީ ކުށެއްކަމަކަށް އަހަރެން ނުދެކެން. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

މިބަދަލާއެކު އަނެއްކާވެސް އަހަރެނގެ ނަންބަދަލުވި.

# ނަން ޒަމާނީވެ ނަމަށް ބަދަލު އައިކަމުގައިވިޔަސް ހިތާމަޔަކީ އަހަރެންނަށް ހެއްދި އުފަންދުވަހުގެ ރަޖިސްޓަރީ އަހަރެންގެ ޢުމުރަށްވުރެ 24 އަހަރު ހަގުވުން. ހިތާމަހުރި. އެހެނަސް އެދުވަސްވަރު އެކަން އަހަރެންގެ ބަލަދުވެރިންނަށް ފާހަގަވާ ގޮތެއްނުވި. ސަބަކަށްވީ އަހަރެންގެ ރަޖިސްޓުރީ ދައުލަތުގެ ކަމާބެހޭ އިދާރާގެ މިލްކެއްގެ ގޮތުގައި އެއިދާރާގައި އޭރު ބޭއްވުން.

# ކަން މިހެން ވެފައި ވަނިކޮށް ރަށުގެ ވެރިކަމަށް އައިބަދަލާގުޅިގެން އަހަރެންގެ މަސްއޫލު ވެރިޔާވެސް ބަދަލުވި. މިފަހަރު އެޒިންމާއާ ހަވާލުވެ ލެއްވެވީ ހއ. ކެލާ ވިނަ އަލްފާޟިލް ޢަބްދު ﷲ ވަޙީދު.

#  އޭގެ ހައެއްކަ އަހަރުފަހުން އެބޭފުޅެއްގެ އަގުހުރި ޚިދުމަތްތައް އެތައް އަހަރެއްވަންދެން އަހަރެންނަށް ލިބެމުންދިޔަ ޒަމާންވީ ޚިދުމަތްތެރިޔާ ޚިދުމަތުން ދުރުކުރެވި އެހެންބޭފުޅަކާ އަހަރެންގެ ޒިންމާތައް ޙަވާލުކުރެވުނު. މިފަހަރުގެ ޚިދުމަތްތެރިޔަކީ ހއ. ކެލާ އިސްތާނާ އަލްފާޟިލް އަޙްމަދު ފައިޞަލް.

#  އުފަންދުވަސް ފާހަގަ ކުރުމަކީ އެންމެންވެސް ނުހަނު ބޭނުންވާކަމެއް. އެގޮތުން އަހަރެންވެސް އަހަރެންގެ އުފަންދުވަސް ފާހަގަކުރަން ނުހަނު ބޮޑަށް ބޭނުންވޭ. އަހަރެންފަދަ އެތައްބަޔަކު އެމީހުންގެ އުފަންދުވަސް ފާހަގަ ކުރާ އަޑުއިވޭ ކޮންމެ ފަހަރަކު ވަރަށް ދެރަވޭ. އަހަރެންނަށް އެފަދަ ކަމެއް ކޮށްދޭނެ ދަރިޔަކު ނެތީބާވައޭ ހިތަށްއަރާ.

#  މިކަން އަހަރެންގެ ބަލަދުވެރިންނަށް އިޙްސާސްކުރެވުނީ ކަންނޭނގެ. އެމީހުން އަހަރެންގެ އުފަންދުވަސް އޮޅުންފިލުވުމަށް ކަމާބެހޭ ރަސްމީ އިދާރާޔަށް ލިޔުނު. އެހިސާބުން އަހަރެންގެ އުފަންދުވަހުގެ ރަޖިސްޓްރީ ލިބޭގޮތްވި. އޭގައިވާގޮތުން އަހަރެންގެ ޢުމުރަކީ 24 އަހަރު. އެހެނަސް އޭރު އަހަރެންގެ ޙަޤީޤީ ޢުމުރަކީ އޭގެ ދެގުނަޔަށް ވާނެކަމަށް ލަފާކޮށް އަހަރެންގެ ބަލަދުވެރިން އެގޮތަށް އަހަރެންގެ އުފަންދުވަސް ފާހަގަ ކުރާކަށް ބޭނުމެއް ނުވި. އެހެނަސް ހިތާމަޔަކީ އަހަރެންގެ އުފަން ތާރީޚު ރަސްމީ ލިޔެކިޔުމުން ރަށުން ފެންނަން ނެތްކަން.

#  މިކަމަށް އަލިމަގެއް ފެނޭތޯ ރަށުގެ ވެރިންނާ ރ.ކ.އ ކޮމިޓީ ގުޅިގެން މަސައްކަތްތަކެއްކުރި. އެހެނަސް އޭރު ކުރި ބުރަ މަސައްކަތުން އަލިމަގެއް ފެންނަގޮތެއް ނުވި. 

# ކަންމިހެން ވެފައިވަނިކޮށް އޭގެ 20 އަހަރު ފަހުން ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިން ފަހިކަމާ ތަޢުލީމަށް އައި ކުރިއެރުމާއެކު އިންސާނީ ދިރިއުޅުމަށާ އިންސާނުންގެ ވިސްނުމަށް ބަދަލުތަކެއްގެނުވި. ނަތީޖާއެއްގެ ގޮތުން އަހަރެންގެ ދަރިންގެ ތެރެއިން ދަރިޔަކު އިސްނަގައިގެން ނިކުމެ، ރަށާ ރާއްޖޭގެ ކަންކޮޅުތަކުގައި އަތްފުނާ އަޅައިގެން އަހަރެންގެ ތާރީޚާ ބެހޭގޮތުން ލިބެންހުރި ހުރިހާ މަޢުލޫމާތެއް އެއްކުރި. އެއަށްފަހު އެ މަޢުލޫމާތުތަކުގެ އަލީގައި ދިރާސީ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި.

# ނަތީޖާއަކަށްވީ ރިޕޯޓު ދިރާސާ ކުރުމަށްފަހު އެ ރިޕޯޓުގައިވާ ހެކިތަކާ ގަރީނާތަކުގެ މައްޗަށް ބުރަވެ، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ތާރީޚު އެއީ އަހަރެންގެ އަސްލު އުފަންތާރީޚު ކަމުގައި ކަމާބެހޭ ރަސްމީ އިދާރާއިން ރަސްމީކޮށް ކަނޑައެޅުން. އޭރު އަހަރެންގެ ޢުމުރުން 69 އަހަރު. އޭގެ 6 އަހަރު ފަހުން މިއަދު މީ އަހަރެންގެ ޢުމުރުން 75 އަހަރު ފުރުނު ދުވަސް.

# އަހަރެންގެ އުފަންދުވަސް  އެންމެ ފުރަތަމަ ފަހަރަށް ފާހަގަ ކުރީ 2017 ވަނަ އަހަރު އަހަރެންގެ ޢުމުރުން 72 އަހަރު ފުރުނު ދުވަހު. 

# އަހަރެންގެ ޢުމުރުން 72 އަހަރު ވީފަހުން  2 އޮގަސްޓު 2017 ވަނަ ދުވަހު 3 ވަނަފަހަރަށް އަހަރެންގެ ނަން އަނެއްކާވެސް ޒަމާނާ އެއްގޮތަށް ބަދަލުކުރެވުނު. މިފަހަރު އަހަރެންގެ ނަން ބަދަލުކުރީ ދައުލަތަށް ފެނިވަޑައިގަންނަވައިގެން. 

# މިހާހިސާބަށް އައިއިރު އަހަރެންގެ ދަރިންނާ އަހަރެން ބެލެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އެތައްފަރާތްތަކުން އަދާކޮށްފައިވޭ.

# ހަމަ އެއާއެކު އަހަރެންގެ ދަރިންނަށް މަގުދެއްކުމާއި އެ ދަރިން ބެލެހެއްޓުމާއި ތަރުބިއްޔަތު ކުރުމުގެ އަގުހުރި ޚިދުމަތް އެތައްއެތައް ޚިދުމަތްތެރި ފަރާތަކުން ދެއްވާފައިވޭ. ވީމާ އެ ހުރިހާ ފަރާތްތަކަށާއި އަހަރެންގެ ފުރާނަޔަށް ވުރެވެސް ލޯބިވާ އަހަރެންގެ ދަރިވަރުންނަށް ﷲ ތަޢާލާގެ ރުއްސެވުމާ ފުއްސެވުމާއި ހެޔޮދަރުމަ މިންވަރު ކުރެއްވުންއެދި އެކަލާންގެ ހަޟުރަތުގައި ދުޢާދަންނަވަމެވެ. އާމީން.

# ތިޔަކުދިންނަށް މިހާރު ހަމަޔަޤީނުންވެސް މިވާހަކައިގައި އުޅުނު އަހަރެންނަކީ ކާކުކަން އެނގޭނެ. އަޅެބުނެބަލަ އެއީ ކާކު.

# ވަރަށް މޮޅު. ޝެއިޚު އިބްރާހީމް ސްކޫލު. އެހެންނު.

 

#  އާނ! 21 ޖަނަވަރީ 1945 ގައި ނަމަކީ އުތުރު އަވަށު އަވަށު މަކުތަބު.

# 1950 ގެ އަހަރުތަކުގައި ކެލާ މަކުތަބަށް ބަދަލުކުރި.

# 16 ޖަނަވަރީ 1969 ގައި މަދަރުސަތުލް ޝެއިޚް އިބުރާހީމުގެ ނަމުގައި އެޑިޔުކޭޝަން މިނިސްޓުރީގައި ރަޖިސްޓުރީ ކުރެވުނު. އެއީ އަލަށް ރަޖިސްޓުރީ ކުރި ތާރީޚު. ތާރީޚު އޮޅުނީ އެހިސާބުން.

# 2014 ވަނައަހަރު ދިރާސީ ރިޕޯޓަށް ބައްލަވައި ސުކޫލު އުފެދުނު ތާރީޚަކީ 1945 ޖަނަވަރީ 21 ކަމަށް އެޑިޔުކޭޝަނުން ނިންމާ އެގޮތަށް ސުކޫލު ރަޖިސްޓުރީ ބަދަލުކޮށްދެއްވި.

# 2 އޮގަސްޓު 2017 ގައި ޝެއިޚު އިބްރާހީމު ސުކޫލުގެ ނަމަށް ސުކޫލުގެ ނަން އެޑިޔުކޭޝަނުން ބަދަލުކުރެއްވި.

# ސުކޫލުގެ ނަން އެބޭފުޅެއްގެ ނަމަށް ނިސްބަތްވާ ޝެއިޚު އިބްރާހީމް ރުޝްދީ އަކީ މިރަށަށް އުފަން މިރަށު ދަރިއެއް.

# އެއީ މި ރަށާއި، މި ދިވެހިރާއްޖެ އެބޭފުޅެއްގެ ތަޢުލީމީ ޚިދުމަތަށްޓަކައި ފަޚުރުވެރިވާ މަދަރުސަތުލް މަޖީދިއްޔާގެ ފުރަތަމަ މުދައްރިސް. އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން.

# މީހާ މޮޅުވެ މަތިވެރިވަނީ އޭނާއަށް ލިބިފައިވާ ހަސަބާ ނަސަބުގެ މޮޅުކަމަކުންނޫން. ވެރިޔެއްގެ ދަރިޔަކަށް، ޓީޗަރެއްގެ ދަރިޔަކަށް ނުވަތަ މުއްސަންޖެއްގެ ދަރިޔަކަށް ވެގެނެއްވެސްނޫން. އިންސާނާ މޮޅުވަނީ ﷲ ތަޢާލާގެ މަދަދާއެކު އޭނާ ގަދައަޅާ ކުރާ ބުރަ މަސައްކަތުން. އެކަލާނގެ ކުޅަދުންވަންތަކަމުން. އެއިންސާނާ މަތިވެރިވެގެންދަނީ އޭނާ ﷲ އަށް ބިރުވެތިވެ އެ އިލާހަށް ތަޤުވާވެރިވާ މިންވަރަކުން. އެހެންނޫންނަމަ ކެލާ ޝެއިޚު ރުސްދީ އެ ފަދަ މަތިވެރި ޢިލްމުވެރިޔަކަށް ވެގެން ނުދިޔައީސް. ތަޢުލީމު ހޯދުމަށް އެމަނިކުފާނު ކުރެއްވި ބުރަމަސްކަތްޕުޅާއި، އެކަމާގުޅިގެން އެމަނިކުފާނަށް ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކާއި، އެމަނިކުފާނުގެ އަގުވައްޓާލަން ބަޔަކު ކުރިމަސައްކަތް ނާކާމިޔާބުވެގެން ނުދިޔައީސް.

މިފަދަ ހާދިސާތަކުން ޢިބުރަތް ލިބިގަތުމަށް ތިޔަ އެންމެހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ނަސޭހަތްތެރިވަން.

#  ތަޢާލާ މި ސުކޫލަށް އަދަށްވުރެ ފެހި މާދަމާއެއް މިންވަރު ކުރައްވާށި.

# އަޅުގަނޑު ރޯގާޖެހި އަޑު ގޮސްފައިވާތީ އަދި ވާހަކަދައްކަން އެހާ ފަސޭހައެއްނޫން. މިހާ ކުރުކޮށް ޚުލާޞާކޮށް މިބައިތަކަށް މިބަލައިލީ އެހެންވެ. އިތުރު ފުރުޞަތެއް ލިބިއްޖެނަމަ ﷲ އިރާދަކުރެއްވިއްޔާ ތަފްޞީލު ކޮށްދޭނަން.

 

މި ސްކޫލަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވައި، ތިޔަ ދަރިވަރުންގެ ކުރިމަގު އުޖާލާ ކުރައްވައި ތަޢުލީމާ ތަރުބިއްޔަތާ އަޚުލާޤީ ގޮތުން އަލިގަދަ ގުރަހަ ތަކެއްކަމުގައި ތިޔަދަރިވަރުން ލައްވާށި. އާމީން.

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.   

 


No comments:

Post a Comment

Kiyamakiyama (Privacy Policy)

https://kodular.app/CPG-OFL   Privacy Policy Updated at 2022-01-11 Kiyamakiyama ("we," "our," or "us") is comm...